ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އެވެ.

ވ. އަތޮޅުގެ އަލިމަތާ ކައިރީގައި އޮންނަ ކަނޑުމިޔަރު ކޭވްއަށް ޑައިވްކުރި ފަސް ޓޫރިސްޓުންގެ ތެރެއިން ގެއްލުނު ހަތަރު މީހުން ހޯދަން ހިންގާ އޮޕަރޭޝަނުގައި މިއަދު ޑައިވް ކުރި އެމްއެންޑީއެފްގެ އޮފިސަރަކު ޑިކޯވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގެއްލުނު ޓޫރިސްޓުން ހޯދަން ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ އޮފިސަރަކު ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށެވެ.
ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ މި ކަނޑުހޮހޮޅަ ސަރަހައްދަށް ޑައިވްކުރި އިޓަލީގެ ފަސް ޓޫރިސްޓުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ހަމަ އެދުވަހު ވަނީ ފެނިފަ އެވެ.
އާއްމުކޮށް ފަން ޑައިވްކުރާ ޓޫރިސްޓުން ގޮސް އުޅޭ ހިސާބަށްވުރެ ފުން ސަރަހައްދުތައް ހިމެނޭ މި ނުރައްކާތެރި މިޔަރު ކަނޑުކޭވްގައި ތާށިވެފައި ތިބި ޓޫރިސްޓުންގެ ހަށިތައް ނެގުމަށް އެ ސަރަހައްދުގައި އެމްއެންޑީއެފުން ދަނީ ހައި ރިސްކް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
އެ ޓޫރިސްޓުން ގޮވައިގެން ޑައިވްކުރަން ދިޔައީ "އެމްވީ ޑޫކް އޮފް ޔޯކް" ކިޔާ ސަފާރީއަކުންނެވެ. އެ ސަފާރީގެ ލައިސަންސް މިހާރު ވަނީ ހިފަހައްޓާފަ އެވެ.
ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ މި ކަނޑުހޮހޮޅަ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ފީނި ސަބަބެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މިހާ ފުނަށް ފީނުމަކީ ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގެ ގަވައިދުގެ ދަށުން ހުއްދަ ކަމެއްނޫނެވެ. ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ 30 މީޓަރަަށެވެ.